ވާލްޑް ހާފްމެރަތަން ޗެމްޕިއަންޝިޕް
ރާއްޖޭގެ ގައުމީ އަންހެން ހާފް މެރަތަން ރެކޯޑް ޝަމްހާ އަހުމަދު އިއްޔެ މުގުރާލައިފި އެވެ.
އޭނާ ރެކޯޑް މުގުރާލީ ޑެންމާކުގެ ވެރިރަށް ކޯޕެންހޭގަންގައި އިއްޔެ އޮތް ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕުގައި 1 ގަޑި 42 މިނެޓު 4 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ކުރިން މި ރެކޯޑް އޮންނަނީ 2004 ވަނަ އަހަރު އިންޑިއާގައި ބޭއްވި ވޯލްޑް ހާފް މެރަތަން ޗެމްޕިއަންޝިޕުގައި 1 ގަޑި 44 މިނެޓު 39 ސިކުންތުން ރޭސް ނިންމި ޒުލޭހާ އަލީ އަތުގަ އެވެ.
ޖުމްލަ 90 ބައިވެރިވިން ދުވި ރޭހުން ޝަމްހާ ދިޔައީ 88 ވަނަ އަށެވެ.
ސިޑްނީގައި 2000 ވަނަ އަހަރު އޮތް އޮލިމްޕިކް ގޭމްސް ގައި ދުނިޔޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ މެރިއަން ޖޯންސާ އެކު އެއް ހީޓެއްގައި ދުވުމުގެ ޝަރަފު ހޯދާފައިވާ ޝަމްހާ އަކީ ރާއްޖޭގެ 100 މީޓަރު ދުވުމުގެ ރެކޯޑް ވެސް އޮންނަ ދުވުންތެރިއާ އެވެ. ރާއްޖޭގެ 200 މީޓަރު ދުވުމުގެ ރެކޯޑް ވެސް 2011 ވަނަ އަހަރުގެ ނިޔަލަށް އޮތީ އޭނާގެ އަތުގަ އެވެ.
އެކަމަކު، ސާފް ގޭމްސް އިން ރާއްޖެ އަށް މެޑަލް ހޯދައިދޭނެ ކަމަށް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބި ޝަމްހާ 2003 ވަނަ އަހަރު ޖަރުމަނަށް ދިރިއުޅުން ބަދަލުކުރުމާ އެކު އެތުލެޓިކްސް އިން ގެއްލުނެވެ. ރާއްޖޭގެ އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ ނީލާ އަހުމަދުގެ ދައްތަ ޝަމްހާ މި ފަހަރުގެ ހާފް މެރެތަންގައި ދުވީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އެތުލެޓިކްސްއާ ދުރުގައި ހުރުމަށް ފަހު އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނި ގޮތުގައި، ވޯލްޑް ހާފު މެރަތަން އިން ޝަމްހާ އަށް ފުރުސަތު ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖަރުމަނުގައި އޮތް ރޭހެއްގައި ދުވެ ޝަމްހާ ރޭސް ނިންމި ވަގުތަށް ބަލައިފަ އެވެ.
ހާފް މެރަތަން އަކީ 21 ކިލޯ މީޓަރު (ގާތްގަނޑަކަށް މާލެ ވަށައި ހަތަރު ބުރު) ގެ ރޭހެކެވެ. ރާއްޖޭގެ ހާފް މެރަތަން ފިރިހެން ރެކޯޑް އޮންނަނީ ނަސީރު އިސްމާއީލް އަތުގަ އެވެ. އޭނާ ރެކޯޑް ހެދީ 1997 ވަނަ އަހަރުގެ މާލޭ ހާފް މެރަތަން ޗެމްޕިއަންޝިޕުގަ އެވެ.