ސައުތު އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕް
2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާގޮތަށް ސައުތު އޭޝިއަން އެތުލެޓިކސް ފެޑެރޭޝަން ކައުންސިލް މީޓީންގައި ނިންމައިފިއެވެ.
އައްޑޫ އީކްއޭޓަރ ވިލެޖްގައި މިމަހުގެ 10ވަނަ ދުވަހު ބޭއްވި ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ ކައުންސިލް މީޓީންގައި މިމުބާރާތް ރާއްޖޭގައި ބާއްވަން ނިންމީ މީޓީންގައި ބައިވެރިވި 6 ގައުމުގެ އިއްތިފާގުންނެވެ. ކައުންސިލް މީޓީންގައި އަފްޣާނިސްތާން ނޭޕާލް ފިޔަވައި ސައުތު އޭޝިއާގެ ހުރިހާ ގައުމެއްގެ އެތުލެޓިކްސް ފެޑެރޭޝަންގެ މަންދޫބުން ބައިވެރިވިއެވެ.
ކައުންސިލް މީޓީންގައި ނިންމި އެހެން ކަންތައްތަކަށް ބަލާއިރު 2018ވަނަ އަހަރު މާރޗް މަހު ސައުތު އޭޝިއާ ކްރޮސްކަންޓްރީ ޗެމްޕިއަންޝިޕް ބޫޓާންގައި ބޭއްވުމަށާއި، ސައުތު އޭޝިއާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ސްރީލަންކާގައި ބާއްވަންވެސް ނިންމިއެވެ. މީގެ އިތުރުން ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ އަސާސީ ގަވާޢިދަށް ގެންނަން މެމްބަރުން ހުށަހެޅި ބަދަލުތަކާ މެދު މެމްބަރުން މަޝްވަރާކުރުމަށްފަހު، މާރޗް މަހު ބޫޓާންގައި ބާއްވާ ސައުތު އޭޝިއާ ފެޑެރޭޝަން ކައުންސިލް މީޓީންގައި އަސާސީ ގަވާޢިދު ފާސްކުރާގޮތަށްވެސް ވަނީ ނިންމާފައެވެ.
އެއްދުވަހަށް އައްޑޫގައި ބޭއްވުނު ސައުތު އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަންގެ ކައުންސިލް މީޓީން ހުޅުވައި ދެއްވީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠަލާލް އެވެ. ހުޅުވައި ދެއްވުމުގެ ގޮތުން ތަލާލް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ދެވަނަ ސިޓީގައި މި މިޓީން ބޭއްވިގެން ދިޔުމަކީ އެތުލެޓިކްސް އެސޯސިއޭޝަނަށް ލިބިގެން ދިޔަ އުފަލެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެތުލެޓިކްސް މިހާރު އޮތް ހިސާބާއި، މިހާ ހިސާބަށް އައުމުގައި ދިމާވި ގޮންޖެހުންތަކާމެދުވެސް އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން މިހާރުގެ ސަރުކާރުން ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ކުޅިވަރާ ބެހޭ ވަޒީރާއި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިސަރަޙައްދުގައި އެތުލެޓިކްސް ކުރިއެރުވުމަށް މެމްބަރު ގައުމުތަކުން ވަކިން ޚާއްޞަކޮށް އިންޑިއާއިން ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކޮށް އެތުލެޓިކްސް ފެޑެރޭޝަން އޮފް އިންޑިއާގެ ރައީސް އަދީލޭ އަށާއި ސައުތު އޭޝިއާ އެތުލެޓިކްސް ފެޑެރޭޝަންގެ ރައީސް ޑރ. ލަލިތު އަށް ޝުކުރު އަދާކުރެއްވިއެވެ.