އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

އިންޑިއާގެ ބުބްނޭޝްވަރުގައި މިހާރު ކުރިޔަށްދާ 22 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ އަފާ އިސްމާޢީލް އާއި ޙަސަން ސާޢިދު 100މ ދުވުމުގެ ސެމީފައިނަލަށް ކޮލިފައިވެއްޖެއެވެ. އަފާ ސެމީ ފައިނަލަށް ކޮލިފައިވީ އަންހެނުންގެ 100މ ދުވުމުގެ 3 ވަނަ ހީޓްގައި ވާދަކޮށް 3 ވަނަ ހޯދައިގެންނެވެ. އަދި ސާޢިދު ސެމީ އަށް ކޮލިފައިވަނީ ފިރިހެނުންގެ 100މ ދުވުމުގެ 6 ވަނަ ހީޓް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖޭގެ އެތުލީޓުން ވާދަކުރި އެހެން އިވެންޓްތަކަށް ބަލާއިރު ޒުވާން އެތުލީޓުން އަޙްމަދު ޢަލީ ވާދަކުރީ 400މ ދުވުމުގެ 4 ވަނަ ހީޓްގައެވެ. މިހީޓް 52.71ސިކުންތުން އަޙްމަދު ނިންމާލެވުނީ 8 ވަނައިގައެވެ. މިއީ އަޙްމަދުގެ ޕަރސަނަލް ބެސްޓް ޓައިމްއެވެ.

އަންހެނުންގެ 400މ ދުވުމުގެ 2 ވަނަ ހީޓްގައި ވާދަކުރީ މިރުފަތު އަޙްމަދު އެވެ. 1މިނިޓް 1.80ސިކުންތުން މިރުފަތު ހީޓް ނިންމީ 6 ވަނަ އަށެވެ. މިއީ މިރުފަތުގެ ސީޒަން ބެސްޓް ޓައިމް އެވެ.

އަންހެނުންގެ 100މ ދުވަމުގެ 4 ވަނަ ހީޓްގައި ވާދަކޮށް ނަޝާ ހީޓް ނިންމާލީ 13.12ސިކުންތުން 4 ވަނަ އަށެވެ. މިއީ ނަޝާގެ ވެސް ސީޒަން ބެސްޓް ޓައިމް އެވެ. ފިރިހެނުންގެ 100މ ދުވުމުގެ ފުރަތަމަ ހީޓްގައި އަޒްނީމް އަޙްމަދު ވާދަކޮށް ރޭސް ނިންމީ 11.20ސިކުންތުންނެވެ.

ފިރިހެނުންގެ 1500މ ދުވުމުގައި ވާދަކުރީ އަޙްމަދު ޙަސަންއެވެ. އަޙްމަދު ޙަސަން 1500މ ދުވުމުގެ ފުރަތަމަ ހީޓް ފުރިހަމަ ކުރީ 4މިނިޓް 9.61ސިކުންތުން 8 ވަނަ އަށެވެ. މިއީ އަޙްމަދު ޙަސަންގެ ޕަރސަނަލް ބެސްޓެވެ.

ފިރިހެނުންގެ 5000މ ދުވުމުގެ ފައިނަލްގައި ވާދަކުރީ ޙުސައިން ފަޒީލް ހާރޫން އާއި ޒައިދް ޝަރީފް އެވެ. ފަޒީލް އިވެންޓް ފުރިހަމަ ކުރީ 15މިނިޓް 53.15 ސިކުންތުން 10 ވަނަ އަށެވެ. އަދި 16މިނިޓް 40.83ސިކުންތުން ޒައިދު ފުރިހަމަކުރީ 14 ވަނަ އަށެވެ.