އޭޝިއަން ގްރޯން ޕްރީ 2017
ޓައިވާނުގައި ކުރިއަށްދާ އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ހަސަން ސާއިދު ލޯ މެޑަލް ހޯދައި ރާއްޖެ އަށް އޭޝިއާގެ އިވެންޓަކުން ފުރަތަމަ ފަހަރަށް މެޑެއްޔެއް ހޯދައިދީފި އެވެ.
އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ކުރިއަށްގެންދާ މުބާރާތުގެ އެންމެ މުހިއްމު އިވެންޓުގެ ތިން ވަނަ އޭނާ ހޯދީ ފައިނަލުގައި މިއަދު މެންދުރު ދުވެ 10:40 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއް ވަނަ ހޯދީ 10:35 ސިކުންތުން ރޭސް ނިންމި ޗައިނާގެ ޒޫ ހައިޔާން އެވެ. ދެ ވަނަ އަކީ އިންޑޮނީޝިއާގެ ޔަސްޕީ ބޮބީ އެވެ. އޭނާ ރޭސް ނިންމީ 10:39 ސިކުންތުންނެވެ.
އޭޝިއަން ގްރޯން ޕްރީ އަކީ އޭޝިއާގެ ފެންވަރު ރަނގަޅު އެތުލީޓުންނަށް ދައުވަތު ދީގެން އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވާ ޝަރަފްވެރި މުބާރާތެކެވެ. އޭޝިއާގެ އެންމެ މަތީ ފަންތީގައި ދުވުންތެރިން ބައިވެރިނުވި ނަމަވެސް ބައެއް ގައުމުތަކުގެ އެންމެ މަތީ ފެންވަރުގެ ދުވުންތެރިން ބައިވެރިވި އެވެ.
މި ރޭހުގައި ސާއިދު ވަނީ އިންޑިއާ އާއި ސްރީ ލަންކާގެ ވަރުގަދަ ދުވުންތެރިން ފަހަތަށް ޖައްސާލައިފަ އެވެ. އެގޮތުން ލަންކާގެ ހިމަޝާ އީޝާން ދިޔައީ ސާއިދުގެ ފަހަތުން ހަތަރު ވަނަ އަށެވެ. އޭނާ ރޭސް ނިންމާފައިވަނީ 10:41 ސިކުންތުންނެވެ. އިންޑިއާގެ ވިޑްޔަސަގަރް ދިޔައީ އެންމެ ފުލަށެވެ. އޭނާގެ ޓައިމިން އަކީ 11:18 ސިކުންތެވެ.
ދެ ލެގަށް ކުރިއަށް ގެންދިޔަ މި އިވެންޓުގެ ފައިނަލުން ސާއިދު ފުރުސަތު ހޯދީ ދެ ލެގުގެ އެންމެ ދުވެލި ބާރު އަށް ދުވުންތެރިންގެ ތެރޭ ހިމެނިގެންނެވެ.
ސާއިދު ރާއްޖެ އަށް މިއަދު ތާރީހީ މެޑެއްޔެއް ހޯދައިދިން އިރު އޭނާ އަކީ ރާއްޖެ އަށް ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްއަކުން ރަން މެޑަލް ހޯދައިދިން ފުރަތަމަ އެތުލީޓް ވެސް މެ އެވެ. އެގޮތުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި އަދި ސާއިދު ވަނީ އެ ގޭމްސްގެ 200 މީޓަރު ރޭހާއި މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.
ރާއްޖޭގެ ކުޅިވަރު ތާރީހު ދުށް އެންމެ ކާމިޔާބު އެއް އެތުލީޓް ސާއިދުގެ ވަނީ މިދިޔަ އަހަރުގެ ރިއޯ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ހޯދައި، އެ ޝަރަފް ހޯދި ފުރަތަމަ ދިވެހި ދުވުންތެރިޔާއަށް އަށް ވެސް ވެފަ އެވެ.
ސާއިދު ވަނީ 2015 ވަނަ އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުން ވެސް ޖާގަ ހޯދައިފަ އެވެ. އެ މުބާރާތުގެ ރޭންކިން އަށް ފަހު އޭޝިއާގެ 12 ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައި ހުރި ސާއިދަކީ، އޭޝިއާގެ މުބާރާތެއްގެ ސެމީ ފައިނަލާ ހަމަޔަށް ދިވެހި ފުރަތަމަ އެތުލީޓު ވެސް މެ އެވެ. އޭނާގެ މިހާރުގެ ޓާގެޓަކީ މި އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ ފައިނަލަށް ދިއުމެވެ.