އިންޑިއަން އޯޝަން އައިލެންޑް ގޭމްސް


Admin/newsImage/noimage.png

ރާއްޖޭގެ މިނިވަންކަމަށް މި އަހަރު 50 އަހަރު ފުރޭއިރު އެތުލެޓިކްސްގެ ފަރާތުން ގައުމަށް ދޭން ބޭނުންވާ ހަދިޔާ އަކީ މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ގައުމަށް މެޑަލްތަކެއް ހޯދައިދިނުން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

އޮގަސްޓް 1-8 އަށް ރިޔޫނިއަންގައި ބާއްވާ ގޭމްސް އަށް ތައްޔާރުވާން އެތުލެޓިކްސް ސްކޮޑް އަންނަނީ މެލޭޝިއާގައި ތަމްރީން ހަދަމުންނެވެ.

"މިނިވަން ކަމަށް 50 އަހަރު ފުރޭ އަހަރަކީ ކުޅިވަރުގެ ބޮޑު އަހަރަކަށް ހެދުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ އަދި ކުޅިވަރު އެސޯސިއޭޝަންތައް ގުޅިގެން އަންނަނީ މަސައްކަތްކުރަމުން. އެގޮތުން މި އަހަރު ގައުމަށް އެތުލެޓިކްސް އިން ދޭން ބޭނުންވާ ހަދިޔާ އަކީ ބޮޑު މުބާރާތަކުން މެޑަލް،" ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ އެތުލެޓިކްސް އިން ރާއްޖެ އަށް އެންމެ ފަހުން މެޑަލެއް ލިބުނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ކަމަށާއި އޭގެ ފަހުން ފަސް އަހަރު ފާއިތުވެފައިވާ އިރު އެ އިންތިޒާރަށް މި ފަހަރު ނިމުމެއް ގެންނަން ބޭނުންވާ ކަމަށެވެ.


"އެތުލެޓިކްސްގެ ޓާގެޓަކީ ރާއްޖޭގެ ކޮންޓިންޖެންޓުން ހޯދާ މެޑަލްތަކުގެ ތިން ބައި ކުޅަ އެއް ބައި އެތުލެޓިކްސް އިން ހިއްސާކުރުން. ފެށުނީއްސުރެ އަޅުގަނޑުމެންގެ ޓާގެޓަކީ ތިނެއް ނުވަތަ ފަސް މެޑަލް ހޯދުން،" ތޮލާލް ވިދާޅުވި އެވެ.

މެލޭޝިއާ އަށް ދިޔަ ސްކޮޑުގައި ނުވަ ފިރިހެން އެތުލީޓުންނާއި ދެ އަންހެން އެތުލީޓުން ދިޔައިރު އޭގެ ތެރެއިން އަލީ ޝަރީފް (އައްޔަ) ވަނީ ސްކޮޑުން ބާކީކޮށްފަ އެވެ. އޭނާ އަކީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ރިލޭ އިން ލޯ މެޑަލް ހޯދި ޓީމަށް ދުވި ދުވުންތެރިއެކެވެ.
ދެ އަންހެން އެތުލީޓުންގެ ތެރެއަށް، ރާއްޖޭގެ ކުރީގެ ބާރު ދުވުންތެރިޔާ ޝަމްހާ އަހުމަދު އިތުރުވެދާނެ އެވެ. އޭނާ އަންނަނީ އެސޯސިއޭޝަނުން ދިން ޕްރޮގްރާމަކަށް އޭނާ ދިރިއުޅޭ ޖަރުމަނުގައި ތަމްރީން ހަދަމުންނެވެ. ޝަމްހާ ލޯންގް ޑިސްޓެންސް އިވެންޓްތަކަށް ތަމްރީން ހަދަމުން އަންނަ އިރު ތޮލާލް ވިދާޅުވީ އެސޯސިއޭޝަނުން ދީފައިވާ ޓާގެޓަށް އޭނާ އަށް ވާސިލްވެވިއްޖެއްޔާ އޭނާ ގޭމްސް އަށް ގެންދާނެ ކަމަށެވެ.

"ޝަމްހާގެ ފަރާތުން އަޅުގަނޑުމެން އުއްމީދުކުރަނީ 5000 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލަން. އެއީ ވެސް ވަރަށް ބޮޑު ކާމިޔާބަކަށް ވާނީ،" ތޮލާލް ވިދާޅުވި އެެވެ. "އެ އިވެންޓުގެ ގައުމީ ރެކޯޑް މުގުރާނުލެވި ދުވަސްތަކެެއް ވެފައިވަނީ."

ތޮލާލް ވިދާޅުވީ މެލޭޝިއާގައި ތަމްރީން ހަދަމުން އަންނަ ހުރިހާ އެތުލީޓުންގެ ފަރާތުން ވެސް ވަރަށް ބޮޑު ކުރިއެރުންތައް ފެންނަ ކަމަށާއި 2010 ވަނަ އަހަރު މެޑަލް ހޯދި ޓީމުގައި ހިމެނުނު ހަސަން ސާއިދާއި ހުސެއިން ހަލީމް ތިބުމަކީ ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.

"އޭރު މެޑަލް ހޯދި ޓީމުގެ ތިން ދުވުންތެރިން ކުރިން ތިބި. އެކަމަކު އަލީ ޝަރީފް ބާކީ ވުމާ އެކު ދެން ތިބީ ސާއިދާއި ހުސެއިން. މި ދެ ދުވުންތެރިން ތިބުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް. ދެ ދުވުންތެރިންގެ ވެސް ތަޖުރިބާ ހުންނާނެ،" ތޮލާލް ވިދާޅުވި އެވެ.

"އަނެއްކާ ބައިނަލްއަގްވާމީ ތަމްރީންތަކާ އެކު ސާއިދުގެ ހުންނާނީ ބައިނަލްއަގްވާމީ އެތުލީޓުންގެ ވިސްނުން. އެއާ އެކު އެހެން އެތުލީޓުންނަށް ވެސް އެގޮތަށް އޭނާ އަށް ވިސްނައިދެވޭނެ. އަނެއްކާ ހުސެއިން އަކީ ވެސް ތަޖުރިބާކާރު އެތުލީޓަކަށް ވާތީ އެހެން އެތުލީޓުންނަށް އޭނާ އަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ."

ގައުމީ އެތުލެޓިކްސް ޓީމުގެ ކޯޗުންނަކީ 2010 ވަނަ އަހަރު ރިލޭ އިން މެޑަލް ހޯދި ޓީމުގެ ކޯޗު އަދި 1993 ވަނަ އަހަރުގެ ސާފް ގޭމްސްގައި ދުވި އަހުމަދު ފާއިލް އާއި އަހުމަދު އަޒީލް އަދި އަބްދުﷲ އިބްރާހިމް (އަބުޅޯ) އެވެ.