ކޮމަންވެލްތް ގޭމްސް 2014
ކޮމަންވެލްތް ގޭމްސްގެ އެތުލެޓިކްސް 200މ ދުވުމުގައި ރާއްޖޭގެ 2 އެތުލީޓުން މިއަދު ވާދަކުރާނެއެވެ.
ރާއްޖެ ގަޑިން މެންދުރު ފަހު 2.37ގައި ފަށާ 200މ ދުވުމުގެ 6 ވަނަ ހީޓްގައި ވާދަކުރާނީ ޙަސަން ސާޢިދު އެވެ. އަދި މެންދުރުފަހު 2.44ގައި ފަށާ 200މ ދުވުމުގެ 7 ވަނަ ހީޓްގައި ވާދަކުރާނީ ޙުސައިން އިނާޝް އެވެ.
ޙަސަން ސާޢިދު އަކީ ރާއްޖޭގެ 200މ ދުވުމުގެ ގައުމީ ރިކޯޑް ދަމަހައްޓަމުން އަންނަ އެތުލީޓެވެ. ސާޢިދު 200މ ދުވުމުގެ ގައުމީ ރިކޯޑް ހަދާފައިވަނީ މިއަހަރުގެ މެއި މަހުގެ 31ވަނަ ދުވަހު ޖެމެއިކާގައެވެ. ޖެމެއިކާގައި ސާއިދު ދުވެފައިވަނީ 21.36ސިކުންތުންނެވެ.
ހުސައިން އިނާޝް ބައިނަލް އަގުވާމީ މުބާރާތެއްގައި އެންމެ ފަހުން 200މ ދުވެފައިވަނީ 2010 ވަނަ އަހަރުގެ ދިއްލީ ކޮމަންވެލްތް ގޭމްސްގައެވެ. އެފަހަރު އިނާޝް 200މ ދުވެފައިވަނީ 23.06ސިކުންތުންނެވެ.
ކޮމަންވެލްތް ގޭމްސްގެ 200މ ދުވުން ކޭބަލް އޮޕަރޭޓަރ މެސްކޯގެ ޓެން ސްޕޯޓްސް އިން ލައިވް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.