ކުޅިވަރުގެ ގައުމީ އިނާމް


Admin/newsImage/noimage.png

2013ވަނަ އަހަރު ކުޅިވަރުގެ ގައުމީ އިނާމް ލިބުނު ނަޞީރު އިސްމާޢީލް، މޫސާ ރަޝީދު އަދި ޢާއިޝަތު ނާޒިމާއަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.

މި 3 ފަރާތަކީވެސް އެމީހުންގެ ކުޅިވަރުގެ ބިންގާ އެތުލެޓިިކްސްގެ ތެރެއިން އަޅައި، ރާއްޖޭގެ ކުޅިވަރުގައި އެންމެ މަތީސަފުގައި ކުޅިވަރު ކުޅުމާއި، ކުޅުންތެރިންނާއި ފަންނީ މީހުން ބިނާކުރުމުގައި މަސައްކަތްކުރަމުން އަންނަ 3 މީހުންނެވެ.

ނަޞީރު އިސްމާޢިލް އަކީ ސްކޫލް ފެންވަރުގައާއި ގައުމީ ފެންވަރުގައި ރަންވަނަތަކެއް ހޯދާފާއިވާ އެތުލީޓެކެވެ. މީގެ އިތުރުން ބައިނަލް އަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށްފައިވާ އެތުލީޓެކެވެ. ނަސީރު ތަމްސީލްކޮށްފައިވާ ބައިނަލް އަގުވާމީ ބޮޑެތި މުބާރާތްތަކުގެ ތެރޭގައި ސައުތު އޭޝިއަން ގޭމްސް، ކޮމަންވެލްތް ގޭމްސް، އޮލިމްޕިކް ގޭމްސް، ވާލްޑް ޗެމްޕިއަންޝިޕްފަދަ މުބާރާތްތައް ހިމެނެއެވެ. ނަސީރުގެ ރަންޒަމާނުގައި ނަސީރު ވަނީ ގިނަ ގައުމީ ރިކޯޑްތަކެއް ހަދާފައެވެ. ނަސީރު ދުވުމުން ރިޓަޔަރ ކުރިކަމުގައި ވިޔަސް ނަސީރު ހަދާފައިވާ 800މ ދުވުމާއި ހާފްމެރަތަން ރިކޯޑް މިއަދާހަމައަށްވެސް އެހެން އެތުލީޓަކަށް މުގުރާލެވިފައެއް ނުވެއެވެ.

މޫސާ ރަޝީދަކީ ސްކޫލް ފެންވަރުގައާއި ގައުމީ ފެންވަރުގައި ކާމިޔާބިތަކެއް ހޯދާފައިވާ އެތުލީޓެކެވެ. ދުވުމުން ރިޓަޔަރކުރުމަށްފަހު މޫސާގެ ޚިދުމަތްތައް އެސޯސިއޭޝަނަށް ލިބިގެންދިޔައީ ކޯޗިން އާއި ޓެކްނިކަލް ދާއިރާއިންނެވެ. މޫސަ ވަނީ އިންޓަރނޭޝަނަލް ފެޑެރެރޭޝަންގެ އެންމެމަތީ ލެވެލް ކަމަށްވާ ލެވެލް 5 ކޯޗިން ފުރިހަމަކޮށްފައެވެ. މީގެ އިތުރުން އިންޓަރނޭޝަނަލް ފެޑެރޭޝަންގެ ލެވެލް 2ގެ ކޯޗުން ތަމްރީންކުރުމަށް މިހާތަނަށް ރާއްޖެއިން އެކްރެޑިޓް ކުރެވިފައިވާ ލެކްޗަރަރ އަކީވެސް މޫސާ ރަޝީދުއެވެ. ކޯޗިންގެ އިތުރުން މޫސާ ރަޝިދު ވަނީ ރާއްޖޭގެ ގައުމީ ކޯޗް ކަމުގެ މަގާމާއި އެސޯސިއޭޝަންގެ ފާއިތުވެ ދިޔަ ދައުރުގެ ނާއިބް ރައީސްގެ މަގާމްވެސް އަދާކޮށްފައެވެ.

ޢާއިޝަތު ނާޒިމާ އަކީ ސްކޫލް ފެންވަރުގައާއި ގައުމީ ފެންވަރުގައި އެތުލެޓިކްސްގައި ވާދަކޮށް ކާމިޔާބު ހޯދާފައިވާ އެތުލީޓެކެވެ. ރާއްޖޭގައި މިހާރު ބާއްވާ ސްކޫލް ކުދިންގެ އެތުލެޓިކްސް މުބާރާތްތަކަށް އެތުލީޓުން ތަމްރީން ކުރުމުގައި ސްކޫލްތަކަށް ނާޒިމާގެ އެހީތެރިކަން މިހާރުވެސް ލިބެމުންދެއެވެ.