އޭޝިއަން ޔޫތު ގޭމްސް


Admin/newsImage/noimage.png

ޗައިނާގެ ނަންޖިންގ ގައި މިހާރު ކުރިޔަށްދާ އޭޝިއަ ޔޫތު ގޭމްސްގެ އެތުލެޓިކްސް އިވެންޓްތައް މިއަދު ފެށޭނެއެވެ. ގޭމްސްގެ އެތުލެޓިކްސް އިވެންޓްތަކުގައި ރާއްޖެއިން ވާދަކުރާނީ އަލީ އަނާލް، ހުސައިން ޝަހުދާން ފަހުމީ އަދި ޢާއިޝަތު ސަރާއެވެ.

މުބާރާތުގައި ވާދަކުރާ 3 އެތުލީޓުންވެސް ވާދަކުރާނީ 100މ އަދި 200މ ދުވުމުގައެވެ.

ރާއްޖެގަޑިން ހަވީރު 4.05ގައި ފަށާ އަންހެންކުދިންގެ 100މ ދުވުމުގެ ހީޓްތަކުގެ ތެރެއިން ސަރާ ދުވާނީ 3 ވަނަ ހީޓްގައެވެ. ރާއްޖެގަޑިން ހަވީރު 4.35ގައި ފަށާ ފިރިހެން ކުދިންގެ 100މ ދުވުމުގެ ހީޓްތަކުގެ ތެރެއިން އަނާލް ދުވާނީ 1 ވަނަ ހީޓްގައެވެ. އަދި ޝަހުދާން ދުވާނީ 3 ވަނަަ ހީޓްގައެވެ.

100މ ދުވުމުގެ އަނާލްގެ ޕަރސަނަލް ބެސްޓަކީ ޖުލައި މަހު ޔޫކްރޭންގެ ޑޮނެސްކް ގައި ބޭއްވި ވާލްޑް ޔޫތު ޗެމްޕިއަންޝިޕްގައި ދުވެފައިވާ 11.72ސިކުންތެވެ. ސަރާގެ ޕަރސަނަލް ބެސްޓަކީ 2012ވަނަ އަހަރު ރަޝިޔާގައި ދުވެފައިވާ 13.99ސިކުންތެވެ.