އިންޓަރނޭޝަނަލް ކޯސް އޮފް އެތުލެޓިކްސް ކޯޗިން


Admin/newsImage/noimage.png

ސައުތު ކޮރެއާގެ ޑައެގޫ ގައި މިމަހު ބާއްވާ "އިންޓަރނޭޝަނަލް ކޯސް އޮފް އެތުލެޓިކްސް ކޯޗިން" ގައި ބައިވެރިވުމަށް ގައުމީ ސްޕްރިންޓް ޓީމްގެ އެސިސްޓަންޓް ކޯޗް ޙުސައިން ޙަލީމް ކޮރެއާއަށް މިއަދު ފުރައިފިއެވެ.

ޙުސައިން ޙަލީމް އަކީ ސައުތު އޭޝިއަން ގޭމްސްގެ އެތުލެޓިކްސް އިން ރާއްޖެއަށް ފުރަތަމަ މެޑަލް ހޯދި ޓީމްގެ މެމްބަރެކެވެ. އަދި ޙުސައިން ޙަލީމް އަކީ 10 ސިކުންތުން 100މ ދުވި ރާއްޖޭގެ ފުރަތަމަ ފިރިހެން އެތުލީޓެވެ.  މީގެ އިތުރުން ޙުސައިން ޙަލީމް ވަނީ 2009ން 2016އަށް ބައިނަލް އަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށްފައެވެ. ޙަލީމްގެ ދުވުމުގެ ކެރިއަރގައި ޙަލީމް ވަނީ 100މ ދުވުމުގެ ގައުމީ ރިކޯޑް 2 ފަހަރު އައުކޮށް، 100މ ރިލޭގެ ގައުމީ ރިކޯޑް 3 ފަހަރު އައުކޮށްފައެވެ.  އަދި ލޯންގެ ޖަމްޕްގެ މިހާރުގެ ގައުމީ ރިކޯޑަކީވެސް ޙުސައިން ޙަލީމް 2009ވަނަ އަހަރު ހަދާފައިވާ ރިކޯޑެކެވެ.

ނޭޝަނަލް ޓީމުން 2016ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްއަށްފަހު ރިޓަޔަރ ކުރުމަށްފަހު ޙަލީމް ޙަރަކާތްތެރިވަމުން އަންނަނީ ނޭޝަނަލް ޓީމްގައި އެތުލީޓުންނަށް ތަމްރީން ދިނުމުގައެވެ.

ޙުސައިން ޙަލީމް ވަނީ އެތުލެޓިކްސް ކޯޗިން އިން އައި އޭ އޭ އެފް ލެވެލް 1 އަދި ލެވެލް 2ގެ ކޯހުން އެންމެ މަތީ ދަރަޖައިގައި ފާސްވެފައެވެ.