އެތުލެޓިކްސް ޓްރެއިނިން ކޭމްޕް - އިންޑިއާ


Admin/newsImage/noimage.png

އިންޑިއާ ސަރުކާރުން އެތުލެޓިކްސް އެސޯސިއޭޝަނަށް ލިބިފައިވާ އެތުލެޓިކްސް ޓްރެއިނިން ސްކޮލަރޝިޕްގައި 09 އެތުލީޓުންނާއި 2 ކޯޗުން އިންޑިއާގެ ބެންގަލޫރަށް ފޮނުވާގޮތަށް ހަމަޖައްސައި ސްކޮލަރޝިޕަށް ދާނެ އެތުލީޓުން ކަނޑައަޅައިފިއެވެ.

މިގޮތުން ޓްރެއިނިން ފޮނުވަން އެސޯސިއޭޝަނުން ހޮވާފައިވާ އެތުލީޓުންނަކީ: ޙަސަން ސާޢިދު، ޙުސައިން ފަޒީލް ހާރުން، ޙުސައިން ރިޒާ، ނުޖޫމް ޙަސަން، ސަރީޝް އަޙްމަދު، ޢިބާދުﷲ އާދަމް، އަޙްމަދު ޝާމް މުޙައްމަދު، އިބްރާހީމް އަޝްފާން ޢަލީ އަދި މުޙައްމަދު ނާއިލް އެވެ. ޓީމްގެ ކޯޗުންގެ ގޮތުގައި ހޮވާފައިވަނީ ނޭޝަނަލް ސްޕްރިންޓް ހެޑްކޯޗް އަޙްމަދު ފާޢިލް އާއި މުޙައްމަދު ޢާމިރުއެވެ.

އިންޑިއަން ހައިކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލަރޝިޕްގައި ފޮނުވާ އެތުލީޓުންނަށް ސްކޮލަރޝިޕް ލިޔުން ޙަވާލުކޮށްދެއްވީ އެކްޓިން އެމްބެސެޑަރ މިސް އަރުޗަނާ ނާއިރުއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގެ އެތުލީޓުން މިހިނގާ ފެބްރުއަރީ މަހުގެ 21ން ފެށިގެން އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ސްޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ބެންގަލޫރު ޓްރެއިނިން ސެންޓަރުގައި ގައި ތަމްރީންތައް ކުރިޔަށް ގެންދާނެއެވެ.

އިންޑީއާ ސަރުކާރުގެ އެހީގެ ދަށުން މީގެ ކުރިންވެސް ރާއްޖޭގެ އެތުލީޓުން ވަނީ ސްޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގައި ތަމްރީންތައް ކުރިޔަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި 2010ވަނަ އަހަރުގެ ދިއްލީ ކޮމަންވެލްތް ގޭމްސްގެ ޓްރެއިނިން، 2015 އައި އޯ އައި ޖީ ޓްރެއިނިން އަދި 2017ވަނަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް ޓްރެއިނިން ޕްރޮގްރާމް ހިމެނެއެވެ.