އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ގަތަރުގެ ދޯހާގައި މިމަހުގެ 8ން 11އަށް ބާއްވާ އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމް އެސޯސިއޭޝަނުން އިޢުލާން ކޮށްފިއެވެ.

އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނެނީ 5 އެތުލީޓުންނާއި 2 ކޯޗުން އަދި މެނޭޖަރަކެވެ. މުިބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިބްރާހީމް އަޝްފާން ޢަލީ، އަޙްމަދު ނާހިލް މަސްޢޫދު، ޢަލީ ނިފާޙް، ޢަލީ ޝާމް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަޒްލާ ވާފިރެވެ. ކޯޗުންނަކީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކޯޗް ޙުސައިން ރައުހަތު ގުދުރަތުﷲ އާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކޯޗް ޢާއިޝަތު ނާދިޔާ އެވެ. މެނޭޖަރަކީ ކުރީގެ ބާރު ދުވުންތެރިޔާ މުޙައްމަދު ޢާމިރު އެވެ.

މުބާރާތުގައި ނިފާޙް ޢަލީ ވާދަކުރާނީ ފިރިހެން ކުދިންގެ 100މ ދުވުމުގައާއި މިޑްލޭ ރިލޭއެވެ. އިބްރާހީމް އަޝްފާން ޢަލީ ވާދަކުރާނީ ފިރިހެން ކުދިންގެ 100މ، 200މ ދުވުމުގައާއި މިޑްލޭ ރިލޭއެވެ. އަޙްމަދު ނާހިލް މަސްޢޫދު ވާދަކުރާނީ ފިރިހެން ކުދންގެ 200މ ދުވުމުގައާއި މިޑްލޭ ރިލޭއެވެ. ޢަލީ ޝާމް ވާދަކުރާނީ ފިރިހެން ކުދިންގެ 400މ ދުވުމުގައާއި މިޑްލޭ ރިލޭގައެވެ. ފަޒްލާ ވާފިރު ވާދަކުރާނީ އަންހެން ކުދިންގެ 800މ ދުވުމުގައެވެ.

ޓީމް އިޢުލާން ކުރުމަށް ސަލްސާ ރޯޔަލްގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި، އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠަލާލް އާއި ކުޅިވަރާއި ބެހޭ ވަޒީރު މުޙައްމަދު މަލީޙް ޖަމާލް ބައިވެރިވެ، މުބާރަތުގައި ވާދަކުރާ އެތުލީޓުންނަށް ހިތްވަރު ދެއްވިއެވެ. މީގެ އިތުރުން ޒުވާން ކުޅުންތެރިންނަށް، ކުޅިވަރުގެ ދާއިރާއިން ހުރި ފުރުޞަތުތަކާ ބެހޭގޮތުންވެސް މިނިސްޓަރ ވާހަކައިގައި އަލި އަޅުވާލެއްވިިއެވެ.