އޭޝިއަން ގޭމްސް 2014


Admin/newsImage/noimage.png

ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޭޝިއަން ގޭމްސްގެ އެތުލެޓިކްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ސެމީ ފައިނަލަށް މިއަދު ހޮވިއްޖެ އެވެ.

މިއީ އޭޝިއަން ގޭމްސްގެ އިިވެންޓެއްގެ ފުރަތަމަ ބުރު ފަހަނަޅައި ރާއްޖޭގެ އެތުލީޓަކު ދިޔަ ފުރަތަމަ ފަހަރެވެ. އޭނާ 10.50 ސިކުންތުން ރޭސް ނިންމައި، ސެމީ އަށް ދިޔައިރު މި ޓައިމިންއާ އެކު އޭނާ އަށް ވަނީ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ފަސް ވަނަ ފަހަރަށް އާކުރެވިފަ އެވެ.

ސާއިދު ސެމީ އަށް ހޮވުނީ ދެކުނު ކޮރެއާގެ އިންޗިއޮންގައި ކުރިއަށްދާ ގޭމްސްގައި، 100 މީޓަރު ދުވުމުގެ ތިން ވަނަ ހީޓުގެ ހަތަރު ވަނަ ހޯދައިގެންނެވެ. ސާއިދަށް ވުރެ ކުރިން ރޭސް ނިންމީ ޖަޕާނާއި ދެކުނު ކޮރެއާ އަދި އީރާނުގެ ދުވުންތެރިންނެވެ.

މި އިވެންޓުގެ ހަތަރު ހީޓުގެ ތެރެއިން ކޮންމެ ހީޓެއްގެ ގަދަ ތިން ދުވުންތެރިން ސެމީ އަށް ދިޔައިރު، ސާއިދު ސެމީ އަށް ދިޔައީ ދެން ތިބި ދުވުންތެރިންގެ ތެރެއިން އެންމެ ދުވެލި ބާރު ހަތަރު ދުވުންތެރިންގެ ތެރޭ ހިމެނިގެންނެވ

ސެމީ ފައިނަލުގައި މާދަމާ ސާއިދު ވާދަކުރާނެ އެވެ. ސެމީ ފައިނަލުގައި 16 ދުވުންތެރިން ދެ ހީޓެއްގައި ދުވާނެ އެވެ. ފައިނަލަށް ހޮވޭނީ އަށް ދުވުންތެރިންނެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެތުލެޓިކްސް ޓްރެއިނިން ފެސިލިޓީ ކަމަށްވާ، ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި ތަމްރީން ހަދާފައިވާ ސާއިދު، 100 މީޓަރުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކުރީ ޖެމެއިކާގެ އޯލް ކަމާސް މީޓުގެ 100 މީޓަރުގެ ރޭސް 10.60 ސިކުންތުން ނިންމައިގެން މިދިޔަ ޖޫން މަހު އެވެ.

ސާއިދު ވަނީ މިދިޔަ އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ 200 މީޓަރު ދުވުމުން ސެމީ ފައިނަލަށް ވެސް ދަތުރުކޮށްފަ އެވެ. 

ގޭމްސްގެ 400 މީޓަރު ދުވުމުގައި ރާއްޖޭގެ ހުސެއިން ރިޒާ އާއި ހުސެއިން އިނާޝް ވާދަކުރި އެވެ. މީގެ ތެރެއިން އުމުރުން 17 އަހަރުގެ ރިޒާ 51.69 ސިކުންތުން ރޭސް ނިންމި އިރު ދިޔައީ ހީޓުގެ ހަތް ވަނަ އަށެވެ. މޭ މަހު އޮތް ޔޫތު ގޭމްސްގެ ކޮލިފައިންގައި މި އިވެންޓް ނިންމީ 53 ސިކުންތުންނެވެ. އަދި ޖުލައި މަހު އޮތް ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕުގައި ރޭސް ނިންމީ 52 ސިކުންތުންނެވެ. އެހެންވެ މި ފަހަރު އޭނާ ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

އިނާޝް މިއަދުގެ ރޭސް ނިންމީ 49.83 ސިކުންތުންނެވެ. އޭނާ ވެސް ދިޔައީ ހީޓުގެ ހަތް ވަނަ އަށެވެ.