އޭޝިއަން ޔޫތު ގޭމްސް


Admin/newsImage/noimage.png

ޗައިނާގެ ނަންޖިންގައި މިހާރު ކުރިޔަށްދާ އޭޝިއަން ޔޫތު ގޭމްސް އެތުލެޓިކްސް 200މ ދުވުމުގެ 3 ވަނަ ހީޓްގައި ވާދަކޮށް ރޭސް 3 ވަނަ އަށް ނިންމައި ޙުސައިން ޝަހުދާން ފަހުމީ 200މ ދުވމުގެ ސެމީފައިނަލަށް ކޮލިފައިވެއްޖެއެވެ. ރާއްޖެގަޑިން ރޭގަނޑު 7.20ގައި ފެށި 200މ ދުވުމުގެ 3 ވަނަ ހީޓްގައި 8 އެތުލީޓުންނާއި ވާދަކޮށް ޝަހުދާން 3 ވަނަ އަށް ރޭސްނިންމީ 22.94 ސިކުންތުންނެވެ. މިއީ ޝަހުދާންގެ ޕަރސަނަލް ބެސްޓެވެ.ޝަހުދާންގެ ފަހަތުން ރޭސްނިންމި އެތުލީޓުންގެ ތެރޭގައި މަކާއޯ، އޮމާން، އީރާން އަދި ބަންގްލަދޭޝްގެ އެތުލީޓުން ހިމެނެއެވެ.

ރާއްޖެގަޑިން ހަވީރު 6.35ގައި ފެށި އަންހެންކުދިންގެ 200މ ދުވުމުގައި 6 އެތުލީޓުންނާއެކު ވާދަކުރި ޢާއިޝަތު ސަރާ 28.71ސިކުންތުން ރޭސް ނިންމީ 6 ވަނަ އަށެވެ. މިއީ ސަރާގެ ޕަރސަނަލް ބެސްޓެވެ.

ރާއްޖެގަޑިން ރޭގަނޑު 7.05ގައި ފެށި ފިރިހެން ކުދިންގެ 200މ ދުވުމުގެ 1 ވަނަ ހީޓްގައި ވާދަކުރީ ޢަލީ އަނާލް އެވެ. 5 އެތުލީޓުންނާއެކު ފެށި މިދުވުން 4ވަނަ އަށް އަނާލް ނިންމީ 23.76ސިކުންތުންނެވެ. މިއީ އަނާލްގެ ޕަރސަނަލް ބެސްޓެވެ.

މިމުބާރާތުގެ 200މ ދުވުމުގައި އޭޝިއާގެ ގަދަ 16އަށް ޝަހުދާން ކޮލިފައިވުމުން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠަލާލް ޝަހުދާނަށް ގުޅައި މަރުޙަބާ ކިޔެވެ. އަދި ކުރިޔަށް އޮތް ސެމީފައިނަލްގައި ރަނގަޅު ނަތީޖާ އެއް ހޯދުމަށް ހިތްވަރު ދިނެވެ.