ޙަސަން ސާޢިދު


Admin/newsImage/noimage.png

އޮލިމްޕިކް ކޮމެޓީން ދިން ފުރުސަތެއްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަސަން ސާއިދު ޖެމެއިކާ އަށް ތަމްރީން ހަދަން ދިޔައިރު، އޭނާ އެހާ އަވަހަށް ކުރިއެރުން ހޯދަފާނެ ކަމަށް ގިނަ މީހުން އުއްމީދެއް ނުކުރެ އެވެ. އެކަމަކު އެންމެ އަށް މަސް ދުވަސް ތެރޭ އޭނާ ހޯދި ކުރިއެރުންތަކާ އެކު އޭނާ އަކީ މިހާރު 200 މީޓަރުގެ ދުވުމުން މި ބިޔަ އޭޝިއާގެ ނުވަ ވަނަ އެވެ.

ތަމްރީންތަކަށް ފަހު ލިބުނު ޗުއްޓީގައި އައިސް އިންޑިއާގެ ޕޫނާގައި މި މަހު ކުރީކޮޅު އޮތް އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް 200 މީޓަރު ދުވުމުގެ ސެމީ ފައިނަލަށް ދިޔަ އެވެ. އަދި 200 މީޓަރުގެ ގައުމީ ރެކޯޑް ނުވަ ގަޑިއިރު ތެރޭ ދެ ފަހަރަށް މުގުރާލި އެވެ. އަދި މިދިޔަ މަހު އޭނާ ވަނީ ޖެމެއިކާގައި އޮތް މުބާރާތްތަކުގައި 400 މީޓަރުގެ ގައުމީ ރެކޯޑް ތިން ފަހަރު މުގުރާލައިފަ އެވެ. އަދި އޭނާ އާއްމުކޮށް ނުދުވާ އިވެންޓެއް ކަމަށްވާ 100 މީޓަރުގެ ރެކޯޑް ވެސް މުގުރާލާފައިވާއިރު، ހަތަރެއް ގުނަ 100 މީޓަރުގެ ރިލޭގެ ރެކޯޑް ވެސް އޮތީ ސާއިދު އަތުގަ އެވެ.

އަޒްނީމް އަހުމަދާ އެކު، ސާއިދު ތަމްރީން ހަދަމުން އައީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސެންޓަރު ކަމަށްވާ ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގަ އެވެ. މިދިޔަ އޮކްޓޯބަރު މަހު ތަމްރީންތައް ފެށިއިރު، އެއީ އުނދަގޫ ތަމްރީންތަކެކެވެ. ފުރަތަމަ ތިން ހަފުތާގައި ހިފަހައްޓާލަން ވެސް ދަތިވި އެވެ.

"ވަރަށް ހާޑުކޮށް ޓްރެއިނިން އޮންނަނީ. ހެނދުނު ޖިމް ހަދާފައި މެންދުރުފަހު ނޯމަލް ޓްރެއިނިން އޮންނަނީ. ފުރަތަމަ ދެ ތިން ހަފުތާގައި ވަރަށް އުނދަގޫވި. ހޮޑުވެސް ލެވޭ. އެކަމަކު ފަހުން ހަމަޔަކަށް އެޅިއްޖެ،" 'ހަވީރަށް' ދިން އިންޓަވިއުއެއްގައި ސާއިދު ކިޔައިދިނެވެ.

ޖެމެއިކާއަކީ ދުވުމަށް ބަލާއިރު ދުނިޔޭގެ އެންމެ ކުރީގައި އޮތް ގައުމެވެ. އޮލިމްޕިކް ގޭމްސްގެ ފައިނަލަށް ވުރެ ޖެމެއިކާގެ ދުވުމުގެ މުބާރާތްތައް ވަރުގަދަ އެވެ. އެހާ ކުރީގައި އޮތް ގައުމަކަށް ރާއްޖެ ފަދަ ކުޑަ ގައުމެއްގެ އެތުލީޓުން ދިއުމުން އެ މީހުންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ

"އެ މީހުން އަހާނެ ކީއްކުރަންހޭ މިހާ ދުރަށް އައީ. އަނެއްކާ ގިނަ މީހުންނަށް ރާއްޖެއަކީ ކޮންތަނެއް ކަމެއް ވެސް ނޭނގޭ،" ކ. ގާފަރަށް އުފަން ސާއިދު ބުންޏެވެ.

އެކަމަކު ވެސް ސާއިދާއި އަޒްނީމަށް އެތަނުގެ ދުވުންތެރިންނާއި ކޯޗުން އައީ ހިތްވަރު ދެމުންނެވެ. އަދި ސާއިދާއި އަޒްނީމް އައީ ހިތްވަރު ވެސް ހޯދަމުންނެވެ. އެތަނުގެ ހެޑް ކޯޗަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކޯޗު ގްލެން މިލްސް އެވެ. ސާއިދާއެކު އެތަނުގައި ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސެއިން ބޯލްޓް އައީ ތަމްރީން ހަދަމުންނެވެ.

"ދުނިޔޭގެ އެންމެ މަޝްހޫރު ދުވުންތެރިންނާ އެކު ތަމްރީން ހަދަން ލިބުމަކީ ބޮޑު ހިތްވަރެއް. އަނެއްކާ ބޯލްޓާ ވެސް ދިމާވޭ އަދި ކިޔައިދޭ. އެއީ ވަރަށް ބޮޑު ހިތްވަރެއް،" ސާއިދު، 19، ބުންޏެވެ.

ޖެމެއިކާގައި އިތުރު ތިން އަހަރު ތަމްރީން ހެދުމުގެ ފުރުސަތު ސާއިދަށް އޮތްއިރު އޭނާގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސްގެ އިންޑިވިޖުއަލް އިވެންޓަކުން މެޑަލެއް ހޯދުމެވެ.

"ހީކުރި ވަރަށް ވުރެ އަވަހަށް ކުރިއެރުން އެބަ ލިބޭ. އެހެންވެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ސައުތު އޭޝިއަން ގޭމްސް އިން މެޑަލެއް ލިބޭނެ ކަމަށް،" ސާއިދު ބުންޏެވެ.

ސާއިދުގެ ފެށުމަކީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އެވެ. ކުޑައިރު ފުޓްބޯޅ އަށް ސަމާލުކަން ދިން ސާއިދު އުމުރުން 16 އަހަރުގައި އެ ފަހަރު ގޭމްސްގައި ވާދަކުރަން ދިޔައިރު އޭނާ އެތުލެޓިކްސްގައި ވާދަކުރަން ފެށިތާ މާގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު އެ ގޭމްސްގެ ރިލޭ އިން ރާއްޖޭ ލޯ މެޑަލް ހޯދިއިރު ސާއިދު ބޮޑު ހިއްސާއެއްވި އެވެ.

ޖެމެއިކާގެ ތަމްރީންތަކުން ކުރިއެރުން ލިބުނު ނަމަވެސް ސާއިދު ދެކޭ ގޮތުގައި ރާއްޖޭގައި ވެސް ސިންތެޓިކް ޓްރެކެއް އޮންނަ ނަމަ ހަމަ އެފަދަ ކުރިއެރުންތަކެއް ހޯދިދާނެ އެވެ.

"ރާއްޖޭގައި އެބަތިބި ރަނގަޅު ކޯޗުނާއި ރަނގަޅު އެތުލީޓުން. ހަމައެކަނި ބޭނުންވަނީ ސިންތެޓިކް ޓްރެކަކާއި ރަނގަޅު ފެންވަރުގެ ޖިމެއް. އޭރުން ކުރިއެރުން ލިބޭނެ،" ސާއިދު ބުންޏެވެ.

މީގެ އިތުރުން އޭނާ ދެކޭ ގޮތުގައި ހުސެއިން ހަލީމް (ކުޑަ ހުސެން) ފަދަ އެތުލީޓުންނަށް ކުޑައިރު، މިފަދަ ތަމްރީންތަކެއް ހޯދައިދެވުނު ނަމަ ރާއްޖޭން މިހާރު އޮންނާނީ ސައުތު އޭޝިއަން ގޭމްސް އިން މެޑަލެއް ހޯދައިފަ އެވެ.