20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

އިންޑިއާގެ ޕޫނާގައި ޖުލައި މަހުގެ 03ން 07އަށް ބާއްވާ 20 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފިއެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމްގައި ހިމެނެނީ 4 ފިރިހެން އެތުލިޓުންނާއި 1 އަންހެން އެތުލީޓެކެވެ. މުބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ ޝިފާޒް މުޙައްމަދު، އަޙްމަދު ޙަސަން، ޙަސަން ސާޢިދު، އަޒްނީމް އަޙްމަދު އަދި އަފާ އިސްމާޢީލް އެވެ. ޓީމްގެ ކޯޗުންނަކީ ސްޕްރިންޓް ކޯޗް އަޙްމަދު ފާޢިލް އަދި މިޑްލް ކޯޗް ޢަބްދުﷲ އިބްރާހީމް އެވެ. ޓީމްގެ މެނޭޖަރަކީ މުޙައްމަދު ޝުޖާޢުއެވެ.

މުބާރާތުގައި ޝިފާޒް އާއި އަޙްމަދު ޙަސަން ވާދަކުރާނީ 800މ އަދި 1500މ ދުވުމުގައެވެ. އަޒްނީމް ވާދަކުރާނީ 100މ އަދި 200މ ދުވުމުގައެވެ. ސާޢިދު 200މ އަދި 400މ ދުވުމުގައި ވާދަކުރާއިރު އަފާ ވާދަކުރާނީ 100މ އަދި 200މ ދުވުމުގައެވެ. މީގެ އިތުރުން 400މ ރިލޭގައިވެސް ރާއްޖެއިން ވާދަކުރާނެއެވެ.

މުބާރާތުގެ ކުރިން ޕޫނާގައި 1 ހަފްތާ ޓްރެއިނިން ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

މުބާރާތުގައި ވާދަކުރާ ޓީމް މާލެއިން ފުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 25ވަނަ ދުވަހުއެވެ. އަދި މުބާރާތަށް ފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ.