ކޮމަންވެލްތް ގޭމްސް 2014


Admin/newsImage/noimage.png

ކޮމަންވެލްތް ގޭމްސް ގައި ވާދަކުރާ އެތުލެޓިކްސް ޓީމް މުބާރާތަށް މިއަދު ފުރާނެއެވެ. 

މިމުބާރާތުގައި އެތުލެޓިކްސް އިން ވާދަކުރާނީ ޙަސަން ސާޢީދު އާއި ޙުސައިން އިނާޝް އެވެ. މުބާރާތަށް ސާޢިދު އާއި އިނާޝް ހޮވިފައިވަނީ މުބާރާތަށް ޚާއްޞަކޮށްގެން ބޭއްވުނު ޓައިމް ޓްރައަލްއިންނެވެ.

ކޮމަންވެލްތް ގޭމްސްގައި ސާޢީދު ވާދަކުރާ މިއީ ދެވަނަ ފަހަރެވެ. 2010ވަނަ އަހަރު ދިއްލީގައި ބޭއްވުނު ކޮމަންވެލްތް ގޭމްސްގެ 200މ ދުވުމުގައި ވާދަކޮށް ސާޢިދު ވަނީ 200މ ދުވުމުގެ ރިކޯޑް 22.07ސިކުންތުން އައު ކޮށްފައެވެ. އަދި 400މ ދުވުމުގަިއ ވާދަކޮށް މި އެވެންޓްގެ ރިކޯޑްވެސް ސާޢިދު ވަނީ 48.56ސިކުންތުން އައު ކޮށްފައެވެ. 

ސާއިދުގެ އެންމެ ފަހުގެ ނަތީޖާ ތަކަށް ބަލާއިރު މިއަހަރުގެ މެއި މަހު ޖެމެއިކާގައި 10.60ސިކުންތުން ދުވެ ސާއިދު ވަނީ 100މ ދުވުމުގެ ގައުމީ ރިކޯޑް އައު ކޮށްފައެވެ. މިމުބާރާތުގައި ސާއިދު ވާދަކުރާނީ ފިރިހެނުންގެ 100މ އަދި 200މ ދުވުމުގައެވެ.

ސާއިދުއަކީ ރާއްޖޭގެ 100މ، 200މ، 400މ އަދި 100މ ރިލޭގެ ރާއްޖޭގެ ގައުމީ ރިކޯޑް ދަމަހައްޓަމުން އަންނަ އެތުލީޓެވެ.

އިނާޝްވެސް ކޮމަންވެލްގޭމްސްގައި ވާދަކުރާ މިއީ ދެވަނަ ފަހަރެވެ. 2010ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސްގައި އިނާޝް ވާދަކޮށްފަވަނީ 200މ ދުވުމާއި 400މ ދުވުމުގައެވެ. 200މ ދުވެފައިވަނީ 23.06ސިކުންތުންނެވެ. އަދި 400މ ދުވެފައިވަނީ 49.64ސިކުންތުންނެވެ. މިއަހަރުގެ މުބާރާތުގައިވެސް އިނާޝް ވާދަކުރާނީ 200މ އަދި 400މ ދުވުމުގައެވެ.

މި ދެއެތުލީޓުންގެ ކޯޗެއްގެ ގޮތުގައި މުބާރާތަށް ދާނީ ސާފްގޭމްސްގެ އެތުލެޓިކްސް އިން ލޯ މެޑަލް ހޯދި ޓީމްގެ ކޯޗް އަޙްމަދު ފާޢިލް އެވެ.